Monday, October 13, 2008


SuperPimper.com

Sunday, September 28, 2008

....އަނިޔާވެރިކަމާއި ދެކޮޅަށް ކުރާ ދިގު ދަތުރައް އެރުމުގެ ކުރިން


ތިރީސް އަހަރުގެ ދިގު ހުދުމުތާރު ވެރިކަމެއް މިރާއްޖޭއްގައި ދެމިގެން ދާއިރު، މިރާއްޖޭގެ ރައްޔިތުން މިތިބީ އަޅުވެތިކަމެއްގެ ތެރޭގައިއެވެ. ރައްޔިތުންގެ ހަޤީގީ މިނިވަންކަށް ގެއްލި، އެންމެ މީހެއްގެ މުށުތެރެއަށް ރައްޔިތުންގެ ހައްގުތައް ބައްކޮށްގެން ވެރިކަން ދެމެހެއްޓުމަށް ރައްޔިތުން ނިކަމެތިކުރަމުންދާއިރު، މި ނިކަމެތި ކަމުން މިންޖުވުމަކީ ހަމަ ކޮންމެ ދިވެހި ދަރިއެއްގެވެސް އެންމެ ބޮޑު އުންމީދެވެ. މި ރާއްޖެ ނޫން އެހެން ރާއްޖެއަކަށް ނުވަތަ މި މިވެރިކަން ނޫން އެހެން ވެރިކަމެއް މިފަސްގަނޑުން ފެނުމަކީ ދިވެހިންގެ އެންމެ ބިޑު ނަސީބުކަމުގައި ނޫނީ ނުވާނެއެވެ

.

އަޅުގަނޑުގެ މި ބުލޮގްއަކީ މިހާރު ދިވެހި ރާއްޖޭގެ މިއޮތް ނުބައި ވެރިކަން ނިމުމަކަށް ނެނައުމަށް ބާރުދީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް މއ ކިބިގަސްދަށުގޭ މައުމޫނު އަބްދުލްޤައްޔޫމު ކުރިމަތި ލައްވާނެކަމަށް ޢިއްލާންކޮށްފައިވާތީ، އެކަމާއި ދެކޮޅަށް އަޑު އުފުލާ، އެ ވެރިކަމަށް ނޫނެކޭ ބުނުމަށް ގިނަ ބަޔަކަށް ހިތްވަރުދީ، އެ ސަބަބުތައް ރައްޔިތުންނަށް ހާމަކޮށްދެއްވުމަށް ތައްޔާރު ކޮށްފައިވާ ބުލޮގްއެކެވެ. މި ބޮގްގައި މައުމޫނުގެ އަނިޔާވެރިކަމާއި، ރައްޔިތުންނަށް ވެފައިވާ ހިޔާނާތާއި، އިސްލާމްދީނަށް ފުރައްސާރަކޮށް ދީން ހަލާކުކުރުމަށް ކޮށްފައިވާ މަސައްކަތްތަކާއި، ރިސްފަތާއި، މައުމޫނުގެ ދެފުއްދެގޮތް ސިޔާސަތު ވީވަރަކުން ރައްޔިތުންނަށް ހާމަކޮށްދޭނޫއެވެ.

"މިވެރިކަމަށް ނޫނެކޭ ބުނޭ" މިއަދު މިގައުމުގެ ގިނަ ރައްޔިތުން ބުނަމުންދަނީ މިހެންނެވެ. ނަމަވެސް ސަރުކާރުގައި ބިރުދައްކައިގެން ޑީއާރުޕީއަށް ވައްދާފައިތިބި މީހުންނާއި، އަމިއްލަފައިދާ ގަނޑެއް ހަސިލް ކުރުމަށް މި ސަރުކާރައް ސަލާންޖަހާ މީހުންނާއި، ދެފައި ދެއޮޑިއަށް އަރުވައިގެން ތިބި މީހުންނަށަށް، މިފަދަ މަސައްކަތަކުން ހިތްވަރު ލިބި އެވެރިކަމުގެ ތައްޕަހުން މިންޖުވުމަށް މަސައްކަތް ކުރުމަކީ ހަމަ ވެދަނެކަމެވެ. އެހެންވެއްޖެނަމަ އަޅުގަނދުގެ މަޤްސަދު ހާސިލްވީއެވެ.

މި ވެރިކަމާއި ދެކޮޅަށް މަސައްކަތް ކުރުމަކީ މިއަދު މިގައުމުގެ ކޮންމެ ރައްޔިތެއްގެ ކޮނޑުގައި އެޅިފައިވާ މައްޝޫލިއްޔެތެވެ. ގައުމީ ވާޖިބެކެވެ. ހަމައެހެންމެ ނުބައި ވެރިއެއްގެ ކިބައިން، ރައްޔިތުން ސަލާމަތްކޮށްދިނުމަކީ ދީނީ ވާޒިބެކެވެ. މި މައްސަކަތަކީ ފަރުދީގޮތުން ވެސް ކުރެވިދާނެކަމެކެވެ. ހަމަ ޔަޤީނުންވެސް މިވެރިކަމުގެ ތައްޕާހުން ސަލާމަތްކަން ހޯދިއްޖެނަމަ ދިވެހި ރައްޔިތުންނަށް ފެހިފެހި މުސްތަޤްބަލެއް ފެނުމަކީ ވަރަށް ގާތްކަމެކެވެ.

މާތް ﷲގެ އިރާދަފުޅާއިއެކު މައުމޫނަށް އެންމެ ކުޑަ ތަރުހީބެއް ލިބޭ އެއްރަށަކަށް އަޅުގަނޑު ނިސްބަތްވާ ހދ ވައިކަރަދޫ ހަދާނަމެވެ. ވައިކަރަދޫއަކީ މައުމޫނަށް މި ރިޔާސީ އިންތިހާބުގައި އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވާނެ އެއް ރަށްކަން އެއީ މިހާރުވެސް ފެންނަމުންދާ ހަޤީގަތެކެވެ. މި ހަޤީގަތް މުޅި ރާއްޖެއަށް ހާމަކޮށް ދިނުމަށް މިހާރުވެސް ވައިކަރަދޫގެ ގިނަ ޒުވާނުން ދަނީ ތައްޔާރުވަމުންނެވެ.

ބޭނުމީ ރައްޔިތުންގެ އެއްބަރުލުމެވެ. ހުރިހާ ދިވެހި ރައްޔިތުން އެބައިވެ "މިވެރިކަމަށް ނޫނެކޭ" ބުނެފިނަމަ މައުމޫނު ޖެހޭނީ ތިރީސް އަހަރުގެ ކަޅު ސަފްހާތަކާއިއެކު ދިވެހި ރާއްޖޭގެ ތާރީހްދުން އެންމެ އަނިޔާވެރި ވެރިޔާގެ ލަގަބުލިގެން ވެރިކަމުން ފެޔައްޖެހޭށެވެ.

ޝުކުރިއްޔާ

މައުމޫނަށް ދީނީ ޢިލްމުވެރިންގެ ރައްދު

16 ސެޕްޓެމްބަރު 2008 ވީ އަންގާރަދުވަހުރޭ ޓީވީމޯލްޑިވްސްގެ "ސިޔާސަތު" ޕްރޮގްރާމްގައި އިސްލާމް ދީނުގެ ޙުކުމްތަކާ ބެހޭގޮތުން ޑީއާރުޕީގެ ޒަޢީމު މައުމޫން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަތަކާ ބެހޭގޮތުން ރާއްޖޭގެ 43 ދީނީ ޢިލްމުވެރީން ރައްދުގެ ފަތުވާއެއް ވަނީ ނެރެފައެވެ.

މައުމޫނަށް ޢިލްމުވެރިގެ ގޮވާލުން

އަޅުގަނޑުމެންނަކީ އިސްލާމް ދީން ކިޔަވައިގެން އެދީން ފެތުރުމަށާއި ދީނުގެ ޙައްޤު ބަސް މީސްތަކުންނަށް އަންގައި ދިނުމުގެ މަސްއޫލިއްޔަތު ﷲގެ ޙަޟުރަތުން އުފުލައިގެން ތިބި ބަޔަކު ކަމުގައިވާތީވެ އަލްއުސްތާޛު މައުމޫނު ޢަބްދުލް ޤައްޔޫމުގެ އިސްލާމް ދީނާ ޚިލާފު މިޢަމަލުތަކަށް އިންކާރުކޮށް އޭނާއަށް މިކަންތައްތަކުން އެއްކިބާވެ ޙައްޤުމަގަށް ރުޖޫޢަވުމަށާއި އޭނާގެ ޢަޤީދާ އިޞްލާޙު ކުރުމަށާއި މާތް ﷲ އަށް ބިރުވެތިވެ ތައުބާވުމަށް އެދި އިލްތިމާސްކޮށް ގޮވާލަމެވެ. އަދި ރާއްޖޭގައި ތިއްބެވި ޢިލްމުވެރިންގެ ތެރެއިން އަޅުގަނޑުމެންގެ މިބަޔާނުގައި މިވަގުތަށް ހިމެނިފައިނެތް ބޭފުޅުންނަށް ވެސް އެބޭފުޅުންގެ އިސްތަށިފުޅުގައި މާތް ﷲ އަޅުއްވާފައިއޮތް ޒިއްމާ އަދާކުރެއްވުމަށް އެދޭޙާލު، އެބޭފުޅުންގެ ފަރާތްޕުޅުން ވެސް މައުމޫނުގެ އަރިހަށް ނަޞީޙަތުގެ ބަސްފުޅެއް ލިއުއްވުމަށާއި އޭނާގެ ކިބައިން ޙައްޤުމަގަށް ރުޖޫޢަވެ ވަޑައިގަތުމަށް އެދި ދެންނެވުމަށް ވަޞިއްޔަތްކުރަމެވެ.

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަމާއި މެދު މައުމޫނުގެ ބަސް

2004 ވަނަ އަހަރުގެ ރަމަޟާން މަސް އިޙްޔާކުރުމުގެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ދިވެހިންނަށް އެމީހަކު ބޭނުން ދީނަކަށް އުޅުމުގެ ހައްޤު ލިބިގެންވާ ކަމަށް ވިދާޅުވެ އަޑުއުފުއްލެވުމަށްފަހު، އެކަމާ އިދިކޮޅަށް ރައްޔިތުން އަޑުއުފުލައި އިޙްތިޖާޖު ކުރަން ފެށުމުން އޭގެ ފަހުން ވާހަކަ އޮޅުވާލައްވަން މަސައްކަތް ކުރައްވައި، ތިމަން ދެއްކި ވާހަކަ ރައްޔިތުންނަށް ނުވިސްނެއޭ ވިދާޅުވެ އޮޅުވާލުމުގެ އާކުލަވަރެއް ރައްޔިތުންނަށް ދެއްކެވިއެވެ. މީގެ ސަބަބުން އިތުރަށް ރައްޔިތުންގެ ކުރިމަތީގައި ފަޟީޙަތްވެ ބޭޒާރުވެގެން ދިޔައެވެ.

ބުރުގާއެޅުމާ އިންކާރު ކުރުން:

ރާއްޖޭގައި ނެރޭ މަޖައްލާއެއް ކަމުގައިވާ "އައްޑުވަސް" އިން އަންހެނާގެ އަޢުރައާމެދު ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން، ތިމަންނާ ދެކޭގޮތުގައި ބުރުގާ އެޅުމަކީ ކޮންމެހެން ލާޒިމުކަމެއް ނޫނޭ ވިދާޅުވެ އިސްލާމީ ޙުކުމެއްގެ އަގު ވައްޓާލައްވަން މަސައްކަތް ކުރައްވާފައި ވެއެވެ. ހަމަ އެއާއެކު މިމަތިވެރި ޝިޢާރު ނައްތާލެއްވުމަށްޓަކައި ތަފާތު ތަންތަނުގައި އެކިގޮތްގޮތުން ވާހަކަ ދެއްކެވުމާއި، ދީނުގެ މިޙުކުމުގެ މުހިއްމުކަން މީސްތަކުންގެ ހިތްތަކުން ފުހެލެއްވުމަށްޓަކައި ވެރިކަމުގެ ނުފޫޒާއި ބާރުގެ ބޭނުން ކުރައްވައި މީސްތަކުންނަށް ބިރުދައްކަވާފައި ވެއެވެ. ބުރުގާ އަޅާ މީހުންނަށް ގޯނާކޮށް، ބުރުގާއަކީ މުސްލިމުން އަޅަންޖެހޭ އެއްޗެކޭ ބުނެފި މީހަކުނަމަ އެމީހަކު ޖަލަށްލައި އަދަބުދީ އެނޫންވެސް ތަފާތު ބިރު ދައްކަވަމުން ގެންދެވިއެވެ. އަދި ސަރުކާރުން ފާސްކޮށްގެން ބައެއް ސްކޫލު މަދުރަސާތަކުގެ އަންހެން ދަރިވަރުން އަޅަމުންދިޔަ ބުރުގާ ޔުނީފޯރމް އުވާލައްވައި އެކަން މަނާކުރައްވާފައި ވެއެވެ.

ކަނޑައެޅިގެން ހުރި ސާފު ސީދާ ދީނީ މައްސަލަތަކުގައި މައުމޫނުގެ ޢަލްމާނީ ފިކުރާ ޚިލާފުވާތީވެ ދީނުގެ ޢިލްމުވެރިން ޖަލަށްލައި ބަންދުކޮށް ތަފާތު އަދަބުތައް ދީފައި ވެއެވެ. އަދި ޖަލުގައި ދީނުގެ ޙުރުމަތް ކަނޑާ ގަދަކަމުން މީސްމީހުންގެ ތުނބުޅި ބާލައި ދީނުގެ ކަންތައްތަކަށް ހަޖޫޖަހައި ހަދާފައި ވެއެވެ. ގަދަކަމުން އަންހެންވެރިންގެ މޫނު ބުރުގާ ނަންގުވާފައި ވެއެވެ. އަދި މީގެ އިތުރުން މައުމޫނު ވަނީ މިފަދަ ޢިލްމުވެރިންނަކީ ތަންދޮރު ނުދަންނަ ރަނގަޅަށް ޢަރަބި ބަސް ވެސް ނުދަންނަ ދީނުގެ ކަންތައް މާބޮޑަށް އޮޅުންނުފިލާ މީހުންކަމުގައި ހާމަކޮށް ޖަލްސާތަކުގައި ވާހަކަ ދައްކަވައި އޭނާގެ ދީނުގެ މަގުގައި އެފަދަ ވާހަކަ ލިޔެ ޝާއިޢު ކުރައްވާފައެވެ.

ޤިޞާޞް ހިފުމާއި މެދު އިންކާރު ކުރުން:

އިސްލާމް ދީނުގައި ޤުރުއާނާއި ސުއްނަތުންނާއި ދީނުގެ ދަންނަބޭކަލުންގެ އިޖްމާޢުން ކަނޑައެޅި ސާބިތުވެފައި އޮތް ޤިޞާޞާއި ދީނުގެ އެހެނިހެން ޙައްދުތައް އޮޅުވާލައްވަމުން ދިވެހި ރައްޔިތުންގެ ބޮލުގައި އެކަން އަޅުއްވަމުން، ދިވެހިން ބޭނުންވާ ކަމެއް ނޫނޭ ވިދާޅުވެ، އިސްލާމްދީނުގެ ޙުކުމްތަކުގެ ބާރުކަނޑުވާލުމަށްޓަކައި ތިމާގެ ލާދީނީ ހެކި ދައްކަވަމުން ޤުރްއާނުގައި ނުވެސް ނެތް އެއްޗެއް ކިއުއްވައިގެން މިމުސްލިމު ދިވެހި މުޖުމަޢު މަގުފުރައްދަން މަސައްކަތްކުރެއްވިކަމީ މިދުވަސްވަރު ދިވެހި މީޑިޔާ ހެކިދީފައިވާ ޙަޤީޤަތެކެވެ. .

ދީނުގެ ދަންނަބޭކަލުން އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި ޤުރުއާނުން ނުވަތަ ލޮބުވެތި ރަސޫލާ صلى الله عليه وسلمގެ ޙަދީޘުން ސާބިތު ވެއްޖެ ކޮންމެ ކަމަކާ އިންކާރުކޮށްފި މީހަކީ އިސްލާމީ މިއްލަތުން ބޭރުވެފައިވާ ކާފިރެކެވެ. އެހެންކަމުން ދީނުގެ އުޞޫލެއްކަމުގައި ވަނީ مَنْ أَنْكَرَ شَيْئًا مَعْلُومًا مِنَ الدِّينِ بِالضَّرُورَةِ فَهُوَ كَافِرٌ މިއެވެ. މާނައީ: ދީނުގައި ކަނޑައެޅި އެނގިފައި އޮތް ކަމަކާ އިންކާރުކޮށްފި މީހާއީ ކާފިރެކެވެ. މިކަމާމެދު އިތުރު ތަފްޞީލު ދެއްވަމުން ސަޢޫދީ ޢަރަބިޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރސްގެ ފަރާތުން ނެރުނު ފަތުވާގައި މަޝްހޫރު ޢިލްމުވެރިއެއް ކަމުގައިވާ ފަޟީލަތުއްޝައިޚު ޢަބްދުއްރައްޒާޤު ޢަފީފީ ވިދާޅުވެފައިވެއެވެ. ދީނުގައި ކަނޑައެޅިގެން އޮތް ކަމެއް މިސާލަކަށް ވިތުރު ނަމާދު ނުވަތަ ފަރުޟު ނަމާދުގެ ރަވާތިބު ސުއްނަތަކާ މެދުކަމުގައި ވިއަސް އިންކާރުކޮށް އެއާ ދެކޮޅު ހެދުމީ ވެސް ކުފުރު ވުމެކެވެ.

ލޮބްވެތި ރައްޔިތުނޭވެ. މިހިރަ މިހިރަ ސަބަބުތަކައް ޓަކައި މިފަހަރު ބާއްވާ ރިޔާސީ އިންތިހަބުގައި މައުމޫނުއަބްދުލްޤައްޔޫމްއަށް މިރާއްޖޭގެ ވެރިކަން ހަވާލު ކުރުމަށް ވޯޓު ނުދެއްވުމަކީ ހަމަ ކޮންމެ މުސްލިމް ދަރިއެއްގެ މައްޗަށް ވާޖިބުކަމެވެ. މިއީ މިގައުމުގެ ވެރިކައަށް އެކަށީގެވާ ބޭފުޅެއްނޫނެވެ. އެހެންކަމުން އެއްމެން އެއްއަޑުން މައުމޫނުގެ ވެރިކަމަށް "ނޫނެކޭ" ބުނަމާ ހިނގާށެވެ.

ކުޑަ ކުޑަ އަންހެން ކުއްޖަކަށް އަދުގެ ސަރުކާރުން ދޭ އަނިޔާ،

މައުމޫނުއަބްދުލްޤައްޔޫމްގެ ސަރުކާރުން ކުރާ އަނިޔާގެ ވަހަކަތަކަކީ އަބަދުވެސް ދައްކާވާހަކަތަކެވެ. އަދި އެއީ ދައްކާ ކޮޅުން ލާނޭ ވާހަކަތަކެއްވެސް ނޫނެވެ. ނަމަވެސް މިފަދަ އަނިޔާއެއްގެ ވާހަކަ މީގެ ކުރިން އަޑުއެހީމުތޯއެވެ. އަޑު އައްސަވާށެވެ. ހުންއައިސްގެން ފަރުވާހޯދުމަށް ގދ ތިނަދޫ ރީޖިނަލް ހޮސްޕިޓަލަށް ދިޔުމުން ފަރުވާދިނުމުގައި ޑޮކްޓަރު ވީހުމާލެއްގެ ސަބަބުން އުމުރުން އެންމެ ތިން އަހަރުގައި ގދ ފަރެސް ހަނދުވަރީގޭ އައިޝަތް އިޔާންގެ އިވުން އަބަދަށް ގެއްލުމުން، އެ ކުއްޖާއަށް މިއަދުގެ ސަރުކާރުން މިދޭ އަނިޔާގެ ވާހަކަ އަޑު އައްސަވާށެވެ.
ހާދިސާ ހިނގި ގޮތް ކުއްޖާގެ ބައްޕަގެ ދުލުން:
މި މައްސަލާގައި މި އަހަރު މެއި 8 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ އަޑު އެހުމުގައި ޑޮކްޓަރުގެ އިހްމާލުން އައިޝަތު އިޔާންގެ ކަފަތުގެ އިވުން ގެއްލުނު ގޮތް ވަރަށް ތަފްސީލުކޮށް އޭނާގެ ބައްޕަ އަހްމަދު އިހްސާން ކިޔައިދިނެވެ. އިހުސާން ބުނިގޮތުގައި އައިޝަތުގެ އިޔާން ހުން އައިސްގެން 5 ޖުލައި 2007 ގައި ގދ. ފަރެސް މާތޮޑާ ސިއްހީ މަރުކަޒަށް ދައްކާފައިވެއެވެ. އަދި ސިއްހީ މަރުކަޒުން ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ތިން ދުވަސްފަހުން ކުއްލިއަކަށް ކުއްޖާގެ ވާއަތް ދުޅަވާން ފެށުމުން ސިއްހީ މަރުކަޒުގެ ލަފާގެ މަތިން ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށް 14 ޖުލައި 2007 ގައި ދެއްކިއެވެ. އެދުވަހު 5:50 ގައި އޮޕަރޭޝަން ތިއޭޓަރަށް ވެއްދުމަށްފަހު އޮޕަރޭޝަންކޮށް އަތުގައި ދޮސް ނެތްކަން އެގުނު ކަމަށާއި ތިއޭޓަރުން ނެރުމަށްފަހުގައިވެސް ހުންވިހެލާ ގޮތް ނުވެގެން ބޭހާއި އިންޖެކްޝަން ޖަހާ ފަރުވާ ދޭންފެށި ކަމަށެވެ. މިގޮތުން ޖެހި އިންޖެޝަނުގެ ތެރޭގައި ޖެންޓަމައިސިންގެ 80 މިލިގުރާމުގެ 2 އިންޖެކްޝަނެއް ހިމެނޭ ކަމަށެވެ. މީގެއިތުރުން 15 ޖުލައި 2007 ދުވަހުވެސް 80 މިލިގްރާމުގެ އިންޖަކްޝަނެއް ދިން ކަމަށާއި ޖެހިގެން އައިދުވަހު އިތުރަށް އަތް އޮޕަރޭޝަންކޮށް ހަތަރު ދިމާއަކުން ފަޅައި ބެއްލެވި ކަމަށާއި އޭގެ ތިން ދުވަސްފަހުން ހުންވިހެލި ނަމަވެސް 20 ވަނަ ދުވަހު ކުއްޖާއަށް ހޮޑުލެވި ކުއްޖާގެ ބޯ ދެ ފަރާތަށް ހެލުވި ބެލެންސް ނުވާ ގޮތްވާން ފެށި ކަމަށެވެ. އަދި ކުއްޖާގެ މޫނުމަތިން ބިރުވެރިކަމުގެ އަސަރުފެނި، ތިމަންނަގެ ކަންފަތަށް އަޑެއްނީވޭ ކަންފަތަށް ކޮއްޕާފައިހުރީ ކޮންއެއްޗެއް ހެއްޔޭ ބުނެ ރޯންފެށި ކަމަށެވެ.
މައްސަލާގައި މިހާރު ކަން ހިނގާފައިވަ ގޮތް:
ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޑޮކްޓަރ ޕަވަލްގެ އިހުމާލުން ގދ. ފަރެސް ހަނދުވަރީގެ އުމުރުން 3 އަހަރުގެ އައިޝަތު އިޔާން އިހުސާންގެ ކަންފަތުގެ އިވުން ދާއިމަށް ގެއްލިފައިވާކަމަށް ބުނެ، ކުއްޖާއަށް އިންޖެކްޝަން ޖެހި ޑޮކްޓަރު ޝަރީއަތަށް ހާޒިރުކޮށް، ހަތް ދުވަހުގެ ތެރޭގައި ޝަރީއަތަށް ހާޒިރުކުރާނެކަމަށް ޤާޒީ ވިދާޅުވެފައިވަނިކޮށް، މައްސަލައިގެ ހަޤީގަތް ހާމަވުމުން ސަރުކާރުގެ މަދަދާއިއެކު ޑރ ޕަވަލް ރާއްޖޭން ބޭރައް ފޮނުވާލާފައިވާކަމަށް ކުއްޖާގެ ބައްޕަ ތުހުމަތުކޮށްފައިވެއެވެ.
އައިޝަތު އިޔާންގެ ބައްޕަ އަހްމަދު އިހްސާން ބުނީ މައްސަލާގައި އެންމެ ފަހުން މި ދިޔަ މަހުގެ 28 ވަނަ ދުވަހު ޝަރީއަތް ބޭއްވުމަށް ފަހު، އިތުރު ޝަރީއަތެއް 7 ދުވަހުގެ ތެރޭގައި ބާއްވަނެކަމަށް ޤާޒީ ވިދާޅުވެފައި ވަނިކޮށް، ސަރުކާރުގެ މަދަދާއިއެކު ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހު ޑރ ޕަވަލް ރާއްޖޭން ބޭރަށް ފޮނުވާލާފައިވަކަމަށެވެ. އެގޮތުން މި މަހުގެ 2 ވަނަ ދުވަހު ޕަވަލް ރާއްޖޭން ފުރާފައިވަކަން އެނގުނީ އޭނާ މަސައްކަތްކުރާ ތިނަދޫ ރީޖިނަލް ހޮސްޕިޓަލުން ދިން ދިން މަޢުލޫމާތަކައި ގުޅިގެންކަމަށް އިހްސާން ބުންޏެވެ.
ދައުލަތުން އޮޅުވާލާފައިވާކަމަށް ބުނާ ބައެއް މައްސަލަތައް:
މި މައްސަލާގައި ދައުލަތާއި ދެކޮޅަށް ވަކާލާތު ކުރައްވާ މަޝްހޫރު ޤާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ އިންޖެކްޝަން ދިނުމުގައި ކުއްޖާގެ ބައްޔާ އެކަށީގެން ނުވާގޮތަށް އިންޖެކްޝަން ދީފައިވާކަމަށާއި ކުއްޖާއަށް ދުވާލަކު ދިނީ 30 މިލިގްރާމްގެ ޖެންޓަމައިސިން ކަމަށް ދައުލަތުން ވިދާޅުވާ އިރު، 80 މިލިގްރާމް ގަންނަށް ޑޮކްޓަރު ދޭނެހެން ހީނުވާކަމަށް ވިދާޅުވިއެވެ. އަދި ކުއްޖާއަށް ޖެންޓަމައިސިން އިންޖެކްޝަން ދިނުމުގެ ކުރިން ކިރާ ބަރުދަން ބަލާފައިވާކަމަށް ދައުލަތުން ބުނާ ބުނުމަކީ ކަނޑައެޅިގެން ދޮގެއްކަމަށް ސުއޫދު ވިދާޅުވިއެވެ. ހުންގަދަކަމުން ކުއްޖާއަށް ކޮޅަށް ނުހުރެވޭ އިރު އިށީނދެ އިނދެގެން ކިރޭކަހަލަ ކައްޓާއެއް ހޮސްޕިޓަލުގައި ނެތްކަންވެސް ސުއޫދު ފާހަގަ ކުރެއްވިއެވެ. ހަމައެހެންމެ ޑޮކްޓަރު ދީފައިވާ އިރުޝާދުކަމަށް ބުނެ ދައުލަތުން ޝަރީއަތުގެ މަޖިލީހަށް ހުށަހަޅާފައިވާ ލިޔުމަކީ ފަހުން ހަދާފައިވާ ލިޔުމެއްކަމަށާއި ހޮސްޕިޓަލުގެ ލެޓަހެޑްގެ ބަދަލުގައި އާދައިގެ ކަރުދާހެއްގައި ހަދާފައިވާ ލިޔުމެއްކަން ސުއޫދު ފާހަކަ ކުރެއްވިއެވެ.
މި މައްސަލާގައި ބޭއްވި ޝަރީއަތުގެ މަޖިލީހެއްގައި ފަރުވާ ދިނުމަށް ކުއްޖާއަށް ޖެންޓަމައިސިން އިންޖެކްޝަން ގދ ތިނަދޫ ހޮސްޕިޓަލުގައި ދިން ތިން ނަރުހަކު ކޮންޓެކްޓް ހަމަވެގެން ރާއްޖޭން ގޮސްފައިވާކަމަށް ދައުލަތުން ބުނި ނަމަވެސް ފަރުވާ ދިނުމުގެ ހުރިހާ މަރުހަލާއެއްގައި ހަރަކާތްތރިވީ ދިވެހި ނަރުހުންކަމަށް ކުއްޖާގެ ބައްޕަ މިނިވަނަށް މަޢުލޫމާތު ދެމުން ބުނެފައިވެއެވެ.
"ޖެންޓަމައިސިން ދިނީ ބޭރުގެ ތިން ނަރުހުންކަމާއި އެމީހުން ކޮންޓެކްޓް ހަމަވެގެން ރާއްޖޭން ގޮސްފައިވާކަމަށް ދައުލަތުން އެބުނާ ބުނުމަކީ އޮޅުވާލުމެއް، އެއީ ކަނޑައެޅިގެން ހަދާ ބޮދު ދޮގެއް، ފަރުވާ ދިނުމުގައި ހަރަކާތްތެރިވެ އަޅުގަނޑުމެން ކައިރިއަށް އައިސް އުޅުނީ ހަމަ އެރަށު (ތިނަދޫ) ކުދިން، އެމީހުން ސަލާމަތްކުރުން އޮޅުވާލާ އޮޅުވާލުމެއްއެއީ" އިހްސާން ބުންޏެވެ.
އެގޮތުން އެދުވެހުގެ ޝަރީއަތުގެ މަޖިލީހުގައި ހެކިންގެ ގޮތުގައި ޝަރީއަތުގެ މަޖިލީހަށް ހާޒިރުކުރުމަށް ހުށަހަޅާފައިވާ ހަތަރު ދިވެހި ނަރުހުންނަކީ ވަރަށް ފަހުން ކުއްޖާގެ ބައްޕަ ތިނަދޫއަށް ގޮސް އޭނާގެ ދަރިފުޅަށް ފަރުވާދިނުމުގައި ހަރަކާތްތެރިވި ދިވެހި ނަރުހުން އަދިވެސް ހޮސްޕިޓަލްގައި މަސައްކަތްކުރާތޯ ބެލުމަށް ފަހު ހުށަހަޅާފައިވާ ނަންތަކައްކަމަށާއި އެމީހުން ހޮސްޕިޓަލްގައި ހަރަކާތްތެރިވަމުން ދިޔަ މަންޒަރު އިހްސާނަށް ފެނިފައިވާކަމަށެވެ.
ކުއްޖާއަށް ފަރުވާ ދިން ދިވެހި ނަރުހުންގެ ހެކިބަސް ނެގުމަށް ޝަރީއަށް ހާޒިރުކުރުމަށް އެދިފައިވާ ހަތަރު ނަރުހުންނަކީ ގދ ތިނަދޫ ގަޒީރަ ޒިންމާ ރަޝީދުއާއި، އެރަށު ހައިހޯފް އާފިޔާ ޤާސިމްއާއި، އެރަށު ޓޮންގާ ސިފްޒާ ޒާހިރުއާއި، ހަމަ އެރަށު ޑައިމްލެސް ސޫދާ ސައީދުއެވެ.
ސަރުކާރުގެ އެހީ އަށް އެދުމުން ދިން ޖަވާބް:
ހެލްތުމިނިސްޓްރީގެ މައްޗަށް 7.1 މިލިއަން ރުފިޔާ ހޯދުމަށް ދައުވާކޮށްފައިވާ ގދ. ފަރެސް ހަނދުވަރީގޭ އަހުމަދު އިހުސާން ސަރުކަރުގެ އެހީއަށް އެދުމުން ތީމުގޭ ވެލްފެޔާގެ ކަންތައްކާއި ބެހޭ ބައިން ސިޔުނާ ކިޔާ ކުއްޖަކު ގުޅާފައި ރިޔާސީ އިންތިހާބުގައި ކުރިމަތިލާ ކެނޑީޑޭޓުންގެ ތެރެއިން ތާޢީދުކުރަނީ ކޮން ކެނޑީޑޭޓަކަށްތޯ އަހާފައިވާކަމަށާއި، ޖަވާބުގައި ކެނޑީޑޭޓުންގެ ޢަދަދު ގިނަކަމުން ވޯޓު ލެވޭކަށް ނެތޭ ބުނުމުން، ވެލްފެޔާ ފަންޑުން އެހީއަށް އެދިފައިވާ މީހުންގެ ޢަދަދު ގިނަކަމުން އެހީ ދެވެން ނެތްކަމަށް އެފަރާތުން ބުނެފައިވާކަމަށް އިހްސާން ބުންޏެވެ. އަދި ހެލްތް މިނިސްޓަރ އިލްޔާސް އިބްރާހިމްއާއި ބައްދަލުކޮށްލުމަށް އެދުމުން، ހަފްތާއެއްފަހުން އެމިނިސްޓްރީން ދިން ޖަވާބުގައި ބުނީ ވަގުތު ނެތުމުން މިނިސްޓްރާއި ބައްދަލު ކުރެވެން ނެތްކަމެވެ.
އާއުސްމިންތަކަކަށް ދިވެހި ގައުމު ގެންދަން މަސައްކަތް ކުރަނީ މި ކުޑަކުޑަ އަންހެން ކުއްޖާއަށް އަނިޔާދިން ސަރުކާރުގެ ވެރިޔާ މައުމޫނުއަބްދުލްޤައްޔޫމެވެ. އެ ބުނާ އާއުސްމިންތަކުގައި ދިވެހިން ތިބޭނީ މިއަށް ވުރެ، ބިކަ އަނިޔާވެރިކަން މަތީކައިކަން މި ހާދިސާއިން ވަޒަންކޮށްލައްވާށެވެ. މައުމޫނު އަބްދުލްޤައްޔޫމުގެ ވެރިކަމަށް "ނޫނެކޭ" ބުނާންވީ މިފަދަ ސަބަބުތަކަށްޓަކައެވ

ލާދީނީ ވެރިޔާ މައުމޫނު، މުނާފިޤުކަމުގައި ހައްދު ފަހަނަ އަޅާފަ ހުރި ނުބައި ޖައްބާރެއް،


ޑީއާރުޕީގެ ޒައީމް އަދި މި ރާއްޖޭން އިސްލާމްދީން ނައްތާލާ، ލާދީނީ އޮޔެވަރު ފަތުރަން މަސައްކަތްކުރި ނުބައި ޖައްބާރުވެރިޔާ މއ ކިބިގަސްދަށުގޭ މައުމޫނުއަބްދުލްޤައްޔޫމު އިންތިހާބުގައި ފޭލިވެދާނެކަން ޔަޤީންވެ، ކިޔޭނުކިޔޭއެއް ނޭނގި މިހާރު މިކިޔަނީ ކޮން ލަވައެއްތޯ ބަލާލަން އެބަޖެހެއެވެ. މައްޗަންގޮޅީ ރައްޔުންނާއި ބައްދަލުކުރައްވުމަސް މިދިޔަ ބުރާސްފަތިދުވަހު އަހްމަދިއްޔާ ސުކޫލްގައި ބޭއްވި ބައްދަލުވުމެއްގައި ޑީއާޕީގެ ރިޔާސީ ކެނޑިޑޭޓް މައުމޫނުއަބްދުލްޤައްޔޫން ވިދާޅުވީ މި ފަހަރު ބޭއްވޭ ރިޔާސީ އިންތިހާބަކީ ވާދަވެރި އިންތިހާބެއް ނޫންކަމަށެވެ. މައުމޫނު ވިދާޅުވީ މިފަހަރު ބާއްވާ އިންތިހާބަކީ ރާއްޖޭގައި އޮންނާނީ އިސްލާމްދީންތޯ ނުވަތަ ނޫންތޯ ކަނޑައަޅާ އިންތިހާބެއްކަމަށެވެ.
ވޯޓް ލުމުގެ ކުރިން ވިސްނަވާށެވެ. މައުމޫނަކީ ލާދީނީ އޮޔެވަރު ފެތުރުމުގެ ފުރުޞަތު ހުޅުވައިދިނުމުގެ ބައްޕައެވެ. މަސްތުވާތަކެތީގެ ބައްޕައެވެ. ޒިނޭ އާންމުކޮށް ފާހިސް ޢަމަލުތައް ފެތުރުމަށް މަސާޖްޕާލާތައް ހުޅުވައިދިނުމަށް މަގުކޮށްޑަވައިދިން ބައްޕައެވެ. ދިވެހިންނަށް އަނިޔާވެރިވި ބައްޕައެވެ. ގައުމުގެ ބަފާކަމަށް ދައުވާ ކުރާ މި ޖައްބާރު މައުމޫނަށް ރާއްޖޭގެ ވެރިކްނަ ލިބިއްޖެނަމަ ، ދެންވެސް މިގަމުދާނީ ދީނާދުރައް، ފަސާދަވަމުން ހަލާކުވަމުންނެވެ. ފާއިތުވި 30 އަހަރު ތެރޭ ގައުމުގެ އިޖްތިމާއީ ފޭރާން ހަލާކުކޮށް، ފުނޑުފުޑުކުރި ގޮތަށް، ކުރިއަށް އޮތް ފަސް އަހަރުތެރޭ އެކަން ކުރުމަށް ދެން މައުމޫނަށް ފުރުޞަތު ނުދެއްވާށެވެ.
މައުމޫނަކީ މީހުންނާ މުޤާބަލާ ކުރައްވަން ކެރިވަޑައިނުގަންނަވާ ފިނޑި ބޭފުޅެކެވެ. މަންޒަރުގެ ފަހަތުގައި ހުންނަވައިގެން ޑްރާމާކުޅުއްވާ ސްޓާރެކެވެ. ރައްޔިތުންގެ ބައިތުލްމާލު ތިމާގެ ބޭކަލުންނަށާއި ހިތުރުހުރިހާ ބަޔަކަށް ދެއްވާ ދަވައިލެއްވި ޚާއިނެކެވެ. ޤާނޫނު އަސާސީގެ ބާރު ކަނޑުވާލެއްވި ބާޣީއެކެވެ، ކުށެއް ނެތް ރައްޔިތުންގެ ދަރީންތަކެއްގެ ގަޔަށް ބަޑިޖެހި ހަމައެކަނި ޖައްލާދެވެ. ޤައުމުގެ ވަލީވެރިއާގެ މަޤާމުގައި ހުންނަވައިގެން ތިރީސް އަހަރު ޤައުމުގެ ވިއްސިވިހާލިކޮށްލެއްވި އަނިޔާވެރިޔާއެވެ. ދޮގުހެދުމާއި މަކަރާއި ޙީލަތް ހެއްދެވުމުގައި ދެވަނައެއް ނެތް ނަމޫނާއެކެވެ. އެހެންމީހުންނަށް އެއްޗެހިގޮވައި ދޮގުވާހަކަތައް ހަދައި ފެތުރުމަކީ ނުބައި ކަމެއް ކަމަށްބުނެ އަޑު އުފުއްލެވައި، ފާސިޤަކަށް ވެވަޑައިގެން ހުންނަވައިގެން، ފާސިޤުން ގެންނަހާ ވާހަކަ ޤަބޫލު ނުކުރުމަށް ގޮވާލައްވަމުންދަނީ މިފާސިޤު ވެރިޔާއެވެ. ޤާނޫނާ ޤަވާޢިދާ ޚިލާފަށް ސުންނަތް ޖަމާޢަތުގެ މީހަކަށް ނޫނީ މިޤައުމުގެ ރައީސްކަން ނުކުރެވޭނޭ ކަމުގައި ޤާނޫނު އަސާސީގެ 109 ވަނަ މާއްދާގެ(ށ) ގައި އޮތް އިރުގައި ވެސް އެޝަރުޠު ތިމާގެ ކިބައިގައި ފުރިހަމަ ނުވާ ޙާލު ރައްޔިތުންނަށް އޮޅުވާލައްވައިގެން ޤާނޫނު އަސާސީގައި އަތްޕުޅު އަޅުއްވައިގެން އުޅުއްވާ ޚާއިނެކެވެ.
މައުމޫނެވެ. ތިޔައީ ބޮޑު އަނިޔާވެރިއެއް ނޫންތޯއެވެ؟ ފޭރިގަތީ ކިތައްމީހުންގެ ގެދޮރުކަން ހަނދު އެބަ ހުންނެވިތޯއެވެ؟ ބޭއިންސާފުން އަނިޔާ ދެއްވީ ކިތައްމީހުންނަށް ތޯއެވެ؟ ދިވެހީންގެ ލޭ ހިއްޕަވައިގެން އެލެއިން ތިމާގެ ހެދުންކޮޅު ކަޅި ކުރައްވައިގެން ދީންދެކެ މާ ލޯތްބެއް ކުރައްވާ ކަމަށް ދިވެހިންނަށް ދައްކަވައިގެން އުޅުއްވިއެއް ކަމަކު މައުމޫނަކަ އެއްކަލަ ޙިޖާޒު ކަރައަށް ޤުރައިޝުވަންހައިގެ މީހުންނަށް ހުތްދޭން އައި ނަޖުދުކަރައިގެ މީހާފަދަ ބޭފުޅެއްކަން މިހާރު ނުދަންނަ ދިވެއްސަކު މިދިވެހި ދީބުގައި ނެތެވެ. އަބަދު އަބަދުހެން ކަށްވަޅާއި ނަރަކައާއި ޢަޛާބުގެ ވާހަކަ ނުދެއްކުމަށް އަންގަވަ އަންގަވާ ތިރީސް އަހަރު ވަންދެން ތިޔަ އުޅުއްވީ ބަލަ އެކަންކަން ނާންނާނެ ކަމަށް ހީފުޅު ކުރައްވަނީތޯއެވެ؟ އެއީ ހަމަ ޔަޤީނުން ޔަޤީން ކަމެކެވެ. ފިއްލަވައިގެނެއް ނޫޅުއްވޭނެއެވެ. ތިޔަ ގަނޑުވަރާއި ފޯސް ކިތަންމެ ވަރުގަދަ ވިއަސް އެއީ ހަމަ ސުމެކެވެ. އީރާނުގެ ޝާހުގެ ޝެހެންޝާހިއްޔަތާ އަޅާބަލާއިރު ތިޔައީ ޖާހާއި ބާރާއި އާރުގެ ހަމަ ތިއްކެކެވެ. އޭނާއަށް ނިމިގެންދިޔަ ގޮތުގެ ކުޑަނަމަވެސް ޢިބްރަތެއް އަޅެ ޙާޞިލްކުރެއްވުން ކީއްތޯއެވެ؟
އަޑުއައްސަވާށެވެ. ދީން ގަތީވެސް، ދީން ވިއްކާލީ ވެސް ދީން އޮޅުވާލީވެސް ދީން ބަދަލު ކުރީވެސް، ދީނީ މީހުންނަށް އަނިޔާ ދިނީވެސް، ޢިލްމުވެރިންގެ ތުބުޅިތައް ބޭލީވެސް، މުސްލިމް އަންހެނުންގެ އަބުރު ގެއްލުވާލީ ވެސް އެހެންބައެއް ނޫނެވެ. މިރާއްޖޭގައި އެހެން ވިއްކާނެ ދީނެއް މަނިކުފާނު ބާއްވަވައިފިތޯއެވެ؟ އިންގިރޭސިވިލާތު ބޮޑު ފާދިރީގެ ކުރިމަތީގައި ގުދަށް އޮންނަވައިގެން ޖީސީއެމްސީގެ ސަލީބުކޮޅު ކަރުފުޅުގައި އެޅުއްވިއިރު މިރާއްޖެން ދެއްވަން އެއްބަސްވެ ވަޑައިގަތީ ކޮން އެއްޗެއް ތޯއެވެ؟ ރާއްޖޭގައި އޮތް އިސްލާމް ދީން ނޫންތޯއެވެ؟ ދެން އެހެން ބަޔަކު ވިއްކާނެ ދީނެއް މަނިކުފާނު މިރާއްޖެއަށް ދޫކުރައްވައިފީމުތޯއެވެ؟ މިއީ ދިވެހީން ނުދައްނަ ކަމެއްނޫނެވެ.
އެހެންކަމުން މައުމޫނު ބުނާގޮތުން ރާއްޖޭގައި އޮންނަނީ އިސްލާމްތޯ، ނޫންތޯ ބަލާ ވޯޓުގައި މިވަރުގެ ނުބައި ޖައްބާރަކަށް ވޯޓު ދީގެން ރާއްޖޭގައި އޮންނީ ވަކި ކޮންދީނެއްތޯއެވެ؟ މައުމޫނުގެ ވެރިކަމަށް "ނޫނެކޭ" ބުންންވީ މިހެންވެއެވެ.

މި ލިޔުމުގައި ޢަދާލަތުޕާޓީން މައުމޫނު އަބްދުލްޤައްޔޫމަށް ދީފައިވާ ރައްދުގެ ބައެއް ހިމަނާފައިވާނެއެވެ.

Layout and design by - Suren Suren