Sunday, September 28, 2008

މައުމޫނަށް ދީނީ ޢިލްމުވެރިންގެ ރައްދު

16 ސެޕްޓެމްބަރު 2008 ވީ އަންގާރަދުވަހުރޭ ޓީވީމޯލްޑިވްސްގެ "ސިޔާސަތު" ޕްރޮގްރާމްގައި އިސްލާމް ދީނުގެ ޙުކުމްތަކާ ބެހޭގޮތުން ޑީއާރުޕީގެ ޒަޢީމު މައުމޫން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަތަކާ ބެހޭގޮތުން ރާއްޖޭގެ 43 ދީނީ ޢިލްމުވެރީން ރައްދުގެ ފަތުވާއެއް ވަނީ ނެރެފައެވެ.

މައުމޫނަށް ޢިލްމުވެރިގެ ގޮވާލުން

އަޅުގަނޑުމެންނަކީ އިސްލާމް ދީން ކިޔަވައިގެން އެދީން ފެތުރުމަށާއި ދީނުގެ ޙައްޤު ބަސް މީސްތަކުންނަށް އަންގައި ދިނުމުގެ މަސްއޫލިއްޔަތު ﷲގެ ޙަޟުރަތުން އުފުލައިގެން ތިބި ބަޔަކު ކަމުގައިވާތީވެ އަލްއުސްތާޛު މައުމޫނު ޢަބްދުލް ޤައްޔޫމުގެ އިސްލާމް ދީނާ ޚިލާފު މިޢަމަލުތަކަށް އިންކާރުކޮށް އޭނާއަށް މިކަންތައްތަކުން އެއްކިބާވެ ޙައްޤުމަގަށް ރުޖޫޢަވުމަށާއި އޭނާގެ ޢަޤީދާ އިޞްލާޙު ކުރުމަށާއި މާތް ﷲ އަށް ބިރުވެތިވެ ތައުބާވުމަށް އެދި އިލްތިމާސްކޮށް ގޮވާލަމެވެ. އަދި ރާއްޖޭގައި ތިއްބެވި ޢިލްމުވެރިންގެ ތެރެއިން އަޅުގަނޑުމެންގެ މިބަޔާނުގައި މިވަގުތަށް ހިމެނިފައިނެތް ބޭފުޅުންނަށް ވެސް އެބޭފުޅުންގެ އިސްތަށިފުޅުގައި މާތް ﷲ އަޅުއްވާފައިއޮތް ޒިއްމާ އަދާކުރެއްވުމަށް އެދޭޙާލު، އެބޭފުޅުންގެ ފަރާތްޕުޅުން ވެސް މައުމޫނުގެ އަރިހަށް ނަޞީޙަތުގެ ބަސްފުޅެއް ލިއުއްވުމަށާއި އޭނާގެ ކިބައިން ޙައްޤުމަގަށް ރުޖޫޢަވެ ވަޑައިގަތުމަށް އެދި ދެންނެވުމަށް ވަޞިއްޔަތްކުރަމެވެ.

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަމާއި މެދު މައުމޫނުގެ ބަސް

2004 ވަނަ އަހަރުގެ ރަމަޟާން މަސް އިޙްޔާކުރުމުގެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ދިވެހިންނަށް އެމީހަކު ބޭނުން ދީނަކަށް އުޅުމުގެ ހައްޤު ލިބިގެންވާ ކަމަށް ވިދާޅުވެ އަޑުއުފުއްލެވުމަށްފަހު، އެކަމާ އިދިކޮޅަށް ރައްޔިތުން އަޑުއުފުލައި އިޙްތިޖާޖު ކުރަން ފެށުމުން އޭގެ ފަހުން ވާހަކަ އޮޅުވާލައްވަން މަސައްކަތް ކުރައްވައި، ތިމަން ދެއްކި ވާހަކަ ރައްޔިތުންނަށް ނުވިސްނެއޭ ވިދާޅުވެ އޮޅުވާލުމުގެ އާކުލަވަރެއް ރައްޔިތުންނަށް ދެއްކެވިއެވެ. މީގެ ސަބަބުން އިތުރަށް ރައްޔިތުންގެ ކުރިމަތީގައި ފަޟީޙަތްވެ ބޭޒާރުވެގެން ދިޔައެވެ.

ބުރުގާއެޅުމާ އިންކާރު ކުރުން:

ރާއްޖޭގައި ނެރޭ މަޖައްލާއެއް ކަމުގައިވާ "އައްޑުވަސް" އިން އަންހެނާގެ އަޢުރައާމެދު ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން، ތިމަންނާ ދެކޭގޮތުގައި ބުރުގާ އެޅުމަކީ ކޮންމެހެން ލާޒިމުކަމެއް ނޫނޭ ވިދާޅުވެ އިސްލާމީ ޙުކުމެއްގެ އަގު ވައްޓާލައްވަން މަސައްކަތް ކުރައްވާފައި ވެއެވެ. ހަމަ އެއާއެކު މިމަތިވެރި ޝިޢާރު ނައްތާލެއްވުމަށްޓަކައި ތަފާތު ތަންތަނުގައި އެކިގޮތްގޮތުން ވާހަކަ ދެއްކެވުމާއި، ދީނުގެ މިޙުކުމުގެ މުހިއްމުކަން މީސްތަކުންގެ ހިތްތަކުން ފުހެލެއްވުމަށްޓަކައި ވެރިކަމުގެ ނުފޫޒާއި ބާރުގެ ބޭނުން ކުރައްވައި މީސްތަކުންނަށް ބިރުދައްކަވާފައި ވެއެވެ. ބުރުގާ އަޅާ މީހުންނަށް ގޯނާކޮށް، ބުރުގާއަކީ މުސްލިމުން އަޅަންޖެހޭ އެއްޗެކޭ ބުނެފި މީހަކުނަމަ އެމީހަކު ޖަލަށްލައި އަދަބުދީ އެނޫންވެސް ތަފާތު ބިރު ދައްކަވަމުން ގެންދެވިއެވެ. އަދި ސަރުކާރުން ފާސްކޮށްގެން ބައެއް ސްކޫލު މަދުރަސާތަކުގެ އަންހެން ދަރިވަރުން އަޅަމުންދިޔަ ބުރުގާ ޔުނީފޯރމް އުވާލައްވައި އެކަން މަނާކުރައްވާފައި ވެއެވެ.

ކަނޑައެޅިގެން ހުރި ސާފު ސީދާ ދީނީ މައްސަލަތަކުގައި މައުމޫނުގެ ޢަލްމާނީ ފިކުރާ ޚިލާފުވާތީވެ ދީނުގެ ޢިލްމުވެރިން ޖަލަށްލައި ބަންދުކޮށް ތަފާތު އަދަބުތައް ދީފައި ވެއެވެ. އަދި ޖަލުގައި ދީނުގެ ޙުރުމަތް ކަނޑާ ގަދަކަމުން މީސްމީހުންގެ ތުނބުޅި ބާލައި ދީނުގެ ކަންތައްތަކަށް ހަޖޫޖަހައި ހަދާފައި ވެއެވެ. ގަދަކަމުން އަންހެންވެރިންގެ މޫނު ބުރުގާ ނަންގުވާފައި ވެއެވެ. އަދި މީގެ އިތުރުން މައުމޫނު ވަނީ މިފަދަ ޢިލްމުވެރިންނަކީ ތަންދޮރު ނުދަންނަ ރަނގަޅަށް ޢަރަބި ބަސް ވެސް ނުދަންނަ ދީނުގެ ކަންތައް މާބޮޑަށް އޮޅުންނުފިލާ މީހުންކަމުގައި ހާމަކޮށް ޖަލްސާތަކުގައި ވާހަކަ ދައްކަވައި އޭނާގެ ދީނުގެ މަގުގައި އެފަދަ ވާހަކަ ލިޔެ ޝާއިޢު ކުރައްވާފައެވެ.

ޤިޞާޞް ހިފުމާއި މެދު އިންކާރު ކުރުން:

އިސްލާމް ދީނުގައި ޤުރުއާނާއި ސުއްނަތުންނާއި ދީނުގެ ދަންނަބޭކަލުންގެ އިޖްމާޢުން ކަނޑައެޅި ސާބިތުވެފައި އޮތް ޤިޞާޞާއި ދީނުގެ އެހެނިހެން ޙައްދުތައް އޮޅުވާލައްވަމުން ދިވެހި ރައްޔިތުންގެ ބޮލުގައި އެކަން އަޅުއްވަމުން، ދިވެހިން ބޭނުންވާ ކަމެއް ނޫނޭ ވިދާޅުވެ، އިސްލާމްދީނުގެ ޙުކުމްތަކުގެ ބާރުކަނޑުވާލުމަށްޓަކައި ތިމާގެ ލާދީނީ ހެކި ދައްކަވަމުން ޤުރްއާނުގައި ނުވެސް ނެތް އެއްޗެއް ކިއުއްވައިގެން މިމުސްލިމު ދިވެހި މުޖުމަޢު މަގުފުރައްދަން މަސައްކަތްކުރެއްވިކަމީ މިދުވަސްވަރު ދިވެހި މީޑިޔާ ހެކިދީފައިވާ ޙަޤީޤަތެކެވެ. .

ދީނުގެ ދަންނަބޭކަލުން އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި ޤުރުއާނުން ނުވަތަ ލޮބުވެތި ރަސޫލާ صلى الله عليه وسلمގެ ޙަދީޘުން ސާބިތު ވެއްޖެ ކޮންމެ ކަމަކާ އިންކާރުކޮށްފި މީހަކީ އިސްލާމީ މިއްލަތުން ބޭރުވެފައިވާ ކާފިރެކެވެ. އެހެންކަމުން ދީނުގެ އުޞޫލެއްކަމުގައި ވަނީ مَنْ أَنْكَرَ شَيْئًا مَعْلُومًا مِنَ الدِّينِ بِالضَّرُورَةِ فَهُوَ كَافِرٌ މިއެވެ. މާނައީ: ދީނުގައި ކަނޑައެޅި އެނގިފައި އޮތް ކަމަކާ އިންކާރުކޮށްފި މީހާއީ ކާފިރެކެވެ. މިކަމާމެދު އިތުރު ތަފްޞީލު ދެއްވަމުން ސަޢޫދީ ޢަރަބިޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރސްގެ ފަރާތުން ނެރުނު ފަތުވާގައި މަޝްހޫރު ޢިލްމުވެރިއެއް ކަމުގައިވާ ފަޟީލަތުއްޝައިޚު ޢަބްދުއްރައްޒާޤު ޢަފީފީ ވިދާޅުވެފައިވެއެވެ. ދީނުގައި ކަނޑައެޅިގެން އޮތް ކަމެއް މިސާލަކަށް ވިތުރު ނަމާދު ނުވަތަ ފަރުޟު ނަމާދުގެ ރަވާތިބު ސުއްނަތަކާ މެދުކަމުގައި ވިއަސް އިންކާރުކޮށް އެއާ ދެކޮޅު ހެދުމީ ވެސް ކުފުރު ވުމެކެވެ.

ލޮބްވެތި ރައްޔިތުނޭވެ. މިހިރަ މިހިރަ ސަބަބުތަކައް ޓަކައި މިފަހަރު ބާއްވާ ރިޔާސީ އިންތިހަބުގައި މައުމޫނުއަބްދުލްޤައްޔޫމްއަށް މިރާއްޖޭގެ ވެރިކަން ހަވާލު ކުރުމަށް ވޯޓު ނުދެއްވުމަކީ ހަމަ ކޮންމެ މުސްލިމް ދަރިއެއްގެ މައްޗަށް ވާޖިބުކަމެވެ. މިއީ މިގައުމުގެ ވެރިކައަށް އެކަށީގެވާ ބޭފުޅެއްނޫނެވެ. އެހެންކަމުން އެއްމެން އެއްއަޑުން މައުމޫނުގެ ވެރިކަމަށް "ނޫނެކޭ" ބުނަމާ ހިނގާށެވެ.

1 comments:

My Maldives said...

Say NO to Maumoon. He is Addicted to the post of president.He needs to send to rehab.

Layout and design by - Suren Suren