ވެލްފެއަރ ކަންތައްތައް އެއް މުއައްސަސާއަކުން ފޯރުކޮށްދިނުމާއި ބެހޭ ގޮތުން ދ އަތޮޅު މެންބަރު އަހްމަދު ނާޝިދު ހުށަހެޅި ބިލު ޑީއާރުޕީގެ އެއްބާރުމުން ނެތި ރައްޔިތުން މަޖިލީހުން ބަލައިގަތުމަށް މިއަދު ފާސްކޮށްފިއެވެ. ވެލްފެއަރ ބިލަކީ ވެލްފެއަރ ކަންތައްތައް ޒިންމާދާރު، ހާމަކަން ބޮޑުގޮތެއްގައި ގެންދިއުމަށްކަމަށާއި، އެކިއެކި އިދާރާތަކުން ވެލްފެއަރ ކަންތައް ގެންދިއުމުން ޚަރަދު ބޮޑުވާގޮތްދިމާވާތީއާއި އެހީ ދިނުމުގައި ތަފާތު މިންގަޑުތަކާއި ތަފާތު ކުރެވުންތައް ގެންގުޅޭތީ އެކަންކަން ހުއްޓުވުމަށްކަށް ގެނައުމަށް ދ މެންބަރު އަހްމަދު ނާޝީދު ހުށަހެޅުއްވި ބިލެކެވެ. މި ބިލު ބަލައިގަތުމަށް ޑީއާރުޕީއަށް ނިސްބަތްވާ މެންބަރުން ދެކޮޅު ހަދަމުން ދިޔައިރު، އިދިކޮޅުފަރާތްތަކުން ދިޔައީ ރައީސް މައުމޫނު ނަޖާއިޒުގޮތުގައި މަޤާމާއި ނުފޫޒު ބޭނުންކޮށްގެން، ހަމަހަމަކަމެއްނެތި ދިވެހި ރައްޔިތޔުންނަށް އެހީ ފޯރުކޮށްދިނުން ހުއްޓާލައި، އިންސާފުންއެކަން ކުރުމަށްޓަކައި ބިލު ބަލައިގަނެ ދިރާސާކުރުމަށް ފަހު އެބިލަށް ޤާނޫނެއްގެ ސިފަގެނައުމަށް ވަކާލާތު ކުރަމުންނެވެ.
ތިރީގައި މިވަނީ މި ބިލު ރައްޔިތުން މަޖިލީހަށް ހުށަހެޅުނު ދުވަހު ލ އަތޮޅު މެންބަރު މޫސާމަނިކު ރައްޔިތުން މަޖިލީހުގައި ދައްކަވާފައިވާ ވަހަކަފުޅުގެ އުސް އަލިތަކެވެ. މޫސާ މަނިކުގެ ވާހަކަފުޅުން މިފަދަ ބިލެއް މުހިންމުވީ ސަބަބު ދެނެކަންނާށެވެ.
ޢިއްޒަތްތެރި ރައީސް، ކެޔޮކޭވަރު އެގޭނީ ބިތު ފަންގި ނެގިމައޭ ބުނޭ. އަޅުގަނޑުމެންނަށް މިއަދު މިފެންނަނީ ވަރަށް އާދަޔާ ޚިލާފު ކަންތައްތަކެއް. ދިވެހިރާއްޖޭގައި ވޭތުވެދިޔަ ގިނަ ދުވަސްތަކުގައި ސަރުކާރެއް ކޮންމެ ދައުރަކު އެއްބޭފުޅަކު ހޮވިހޮވި މިހެން އޮތުމުގެ ބޭނުމަކީ، އިއްޔެގައި ރައީސުލްޖުމްހޫރިއްޔާގެ ޢިއްޒަތްތެރި މެންބަރަކު ވިދާޅުވިހެން %90 ހޮވިވަޑައިގަންނަވާ ބޭނުމުގެ، އޭގެ ސިއްރަކީ މި ވެލްފެއަރގެ މައްސަލަ. އާދެ، މިކަން ހަމަޖެހިފައި މިއޮންނަނީ، މިހާތަނަށް އައިއިރުގައި ކުޑަކޮށް މީގެ މަޢުލޫމާތު އަޅުގަނޑަށް ލިބިފައި ހުރިގޮތް ދަންނަވާލިއްޔާ ޢިއްޒަތްތެރި މެންބަރުންނަށް އަޅުގަނޑު ދައްކާ ވާހަކައަކުން ފަހުމްވާއެއްޗެއް ތަންކޮޅެއް ބޮޑުވެގެންދާނެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެގޮތުގައި ވަކިބަޔަކު ހޮވާފައި ވަކިބަޔަކަށް ތާއީދުކޮށްފައި ބައިތިއްބާފައި ތިބެނީ. ދައުލަތުގެ ބަޖެޓުން ރައްޔިތުންކުރާ މައްސަކަތްތުން ރައްޔިތުންނަށް ދޭންވާ އެންމެ އަސާސީ ޚިދުމަތްތައްވެސް، ނުދީ ބޮޑު ބަޖެޓެއް ތީމުގެއަށާއި އަދި ވެލްފެއަރ މިނިސްޓްރީއަށާއި އަދި ސިފައިންނަށާއި، ފުލުހުންނަށާއި، ޚާއްސަގޮތެއްގައި ސަރުކާރު ދެމެހެއްޓުމަށްޓަކައި ބޭނުންވާ ތަންތަނަށް ބާއްވާފައި، ރައީސުލްޖޫމްހޫރިއްޔާގެ އޮފީހަށްވެސް މިކަން، ކޮންމެވެސް ބައެއް ބާއްވާފައި ހައްދަވާގޮތަކީ ރައްޔިތަކު ކަމަކަށް އެހީތެރިވެގެން އައިމަ، ސަރުކާރުގެ ފެންވަރުގައި އެކަން ކޮށްދިނުމުގެ ބަދަލުގައި ނުކޮށްދީ ބާއްވާފައި، ސަރުކާރުން މުއްސަނދިކޮށްދެއްވާ ބަޔަކު އިންޑިއާގައި ނުވަތަ ސްރީލަންކަގައި ބައިތިއްބައްބާފައި، އެއީ އެމްބެސެޑަރުންކަމަށްވިއަސް ކޮންމެ ނަމެއްކިޔާފައި، މިއީ މިކަން ފެށިގެން އައިގޮތް. ބައިތިއްބާފައި ދެކޮޅު ޓިކެޓާއި ކޮންމެވެސް ވަރެއްގެ ލާރިކޮޅެއް ދީފައި އެތަނަށް ފޮނުވަނީ. އާދެ، މިގޮތަށް ކޮލިފައިވަނީ، އަޅުގަނޑުމެން އަތޮޅުންވެސް ކޮލިފައިވަނީ، މިސާލަކަށް ދަންނަވަންޏާ، މިއަދު ވަޑައިގެންނެތް އަޅުގަނޑުގެ އަނެއް މިނިސްޓަރު. ސިޓީފުޅެއް އެބޭފުޅާގެ އަރިހަށް ގޮސްފިއްޔާ އެބޭފުޅާ އޭގައި ސޮއިކުރައްވާފައި ތީމުގެއަށް ފޮނުވީމަ ވެލްފެއަރއިންލިބޭ. މިނިސްޓަރީއަށް ފޮނުވީމާ ވެލްފެއަރއިން ލިބޭ.....
ޢިއްޒަތްތެރި ރައީސް، މިޤާނޫނުއަސާސީގައި އަސާސީ ޙައްޤުތަކާއި މިނިވަންކަމުގެ ބާބުގައި 20 ވަނަ މާއްދާގައި ބުނަނީ، ޤާނޫނުގެ ކުރިމަތީގައި އަދި އެމީހެއްގެ މައްޗަށް ޤާނޫނު ހިންގުމުގައި ކޮންމެ މީހަކީވެސް ހަމަހަމަވެގެންވާ މީހެކޭ. އަދި ޤާނޫނުގެ ރައްކާތެރިކަމާއި ޤާނޫނުން ލިބިދޭ މަންފާތައް، އަޅުގަނޑު ތަކުރާރުކޮށްލާނަން. ޤާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ ހަމަ ކޮންމެ މީހެއްގެވެސް ޙައްޤެކޭ. އެހެންކަމަށްވާއިރު ހައްދުންމަތީގައި ފުރޮޅުލީ ގޮނޑި ނުލިބިފައި ތިބި މީހުން ގޮސް އަތޮޅުވެރިން ކައިރީގައި ބުނީމާ މާދަމާ ޑީ.އާރު.ޕީ އަށް ވޯޓުދޭން ނޫނީ އެހެން ޕާޓީއަކަށް ވޯޓުދޭން، އެބޭފުޅަކު ބައިވެރިވާ ޕާޓީއެއްގެފަރާތުން ނިސްބަތްކޮށްފައި ބުނެ ރައްޔިތުންލައްވާ އެމަޖްބޫރު ކުރުވައިގެން އެއެހީ ދިނުމަކީ ކުރެވޭނެކަމެއްނޫން. އަޅުގަނޑު މިމަޤާމުގައި ހުއްޓި ދިވެހި ރައްޔިތުންނަށް ގޮވާލަން، ކިތަންމެވަރަކަށް ރައީސް މައުމޫން ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ދަތުރު ކުރެއްވިއަސް މިވީހާތަނަށް ރައީސް މައުމޫން ނީންނާނޭ އެބޭފުޅާގެ އަމިއްލަފުޅު މުސާރަފުޅުން ލޯ ލާރިއެއްވެސް ރައްޔިތަކަށް ދީފަކައެއް. މިއަދު ނިކުމެވަޑައިގަންނަވާ ތަރައްޤީ ކުރިވާހައަކާއި ހުރިހާ އެއްޗެއް ދައްކަނީ، އަޅުގަނޑުމެން މި ދިވެހިރައްޔިތުންގެ ފައިސާގައޭ. އެކަމު ރައްޔިތުން މުއްސަނދި ނުކުރުމަށްޓަކައި، ރައްޔިތުން ނިކަމެތިކޮށް ބޭތިއްބުމަށްޓަކައި ޙަޤީޤަތުގައިވެސް ވެލްފެއަރ އުފައްދައި، ސަރުކާރުގެ ބަޖެޓުގެ ފައިސާތައް އެކިބައިބަޔަށް ބަހާފައި ބާއްވާފައި އޮތީ. ކޮންމެތަނަކަށް ރައްޔިތުން ސަލާންޖަހަންޖެހޭގޮތަށް ނިންމާފައި އޮތީ.....
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރައީސުލްޖުމްހޫރިއްޔާ ބަޔަކަށް އެހީވުމަކީ އަޅުގަނޑުމެން މަނާކުރަން ބޭނުންކަމެއްނޫން. އެހެންނަމަވެސް ދައުލަތުގެ ބަޖެޓުން، ވެލްފެއަރ ފަންޑުން ދޭންޖެހޭ އެއްޗެއް ރައީސުލްޖުމްހޫރިއްޔާގެ ގަނޑުވަރުން ދޭކަމަށްވަނީވިއްޔާ ކީއްވެގެންތޯ ރައީސުލްޖުމްހޫރިއްޔާގެ ޑިރެކްޓަރުގެ ގޯތި 12 ބުރިއަށް އަރައިގެން ދިޔައިރު، އެމައްސަލަ އަޅުގަނޑުމެންގެ އޮޑިޓަރޖެނެރަލް ނުބައްލަވާ އެހުންނަވަނީ. އެފައިސާ ރައީސުލްޖުމްހޫރިއްޔާއަށް އެނގިވަޑައިގަންނަވާތޯ އެބޭފުޅާ އަރިހުގައި ތިބިމީހުން އޭގެއިން މީހަކަށްދެނީ 200 ޑޮލަރުކަމަށް ބަލާފައި މީހެއްގެ ބޮލެއްގެ ނަމުގައި 600 ޑޮލަރު ނުނަގާއޮތްކަން ކިހިނެއްތޯ އިނގެނީ ދުވާލެއްގެ މައްޗަށް 50، 60 މީހުންނަށް އެބައިދޭއިރުގައި. މީހާގޮސް ހުއްޓުނީމާ ފުރަތަމަ ބަލާލަނީ. ރަށުގައި ނުވަތަ އަތޮޅުގައި ނުވަތަ މާލޭގައި މީނައަކީ ކިހާ ނުފޫޒު ގަދަ މީހެއްތޯ. ކިހާވަރަކަށްތޯ މީނަގެ އަނގަހުރީ. ކޮން ޕާޓީއަކަށްތޯ މީނަ ވަދެފައިހުރީ. ކިހިނެއްތޯ މީނަ ކަންކަން ކުރާނީ. މިކަންކަންް ބެލުމަށްފަހުގައި އެމީހާގެ ފަތިފުށް ބަލާލަނީ. އޭނަ މަހަށްްދާ ދޯންޏެއްގެ ކެޔޮޅެއްކަމަށް ވަނީވިއްޔާ އޭނަގެ ބަސްބުނާ 10، 12 މީހުން ތިބިއްޔާ 250 ޑޮލަރާއި ދެކޮޅު ޓިކެޓާ. އެވަރުނެތިއްޔާ މާލޭގެ ހޮސްޕިޓަލުން. ދެން އެންމެ ވޯޓެއް ލިބޭނެ މީހެއްކަމަށްވަނީވިއްޔާ ރަށުގައި އިންދާ ރަށުއޮފީހުން 500 ރުފިޔާއާއި ސަންދޯއްޖަހާނެ ފިލައާއި. މިއީތޯ މިކަން އޮންނަންވާނެގޮތަކީ ޢިއްޒަތްތެރި ރައީސް
މިއީ 19 އޮގަސްޓް 2008 ވަނަ ދުވަހު ހެނދުނު އޮތް ރަޔިތުން މަޖިލީހުގައި ދ މެންބަރު އަހްމަދު ނާޝީދު ހުށަހެޅުއްވި ވެފެއަރ ބިލާއި ގުޅޭ ގޮތުން ލ އަތޮޅު މެންބަރު މޫސާ މަނިކު ދެއްކެވި ވާހަކަފުޅެވެ. މި ބިލު މިއަދު މަޖިލީހަށް ބަލައިގަތީ ވަރަށް ހަނިދާއިރާއަކުންނެވެ.
0 comments:
Post a Comment