Sunday, September 28, 2008

މައުމޫނުގެ ސިޔާސަތު، ހެއްލުންތެރިކަމާއި އޮޅުވާލުމުގެ ނަމޫނާއެއް...


ދިވެހި ރާއްޖޭގެ ސިޔާސީ މަސްރަހަށް ނަޒަރު ހިންގާލާއިރު ފެންނަމުން މިދަނީ މއ ކިބިގަސްދަށުގޭ މައުމޫނުއަބްދުލްޤައްޔޫމުގެ ހުދުމުހުތާރު ތިރީސް އަހަރުވީ ކަޅު އަނދިރި ނާމާން ސޮފްހާތަކެވެ. ދިވެހިންގެ ދިރިއުޅުން ނިކަމެތިކޮށް، ދިވެހިން ހެއްލުންތެރިކަމާއި އެކު އަޅުދާސްތުކުރި ދިގު ވެރިކަމުގެ ނިމުމުގެ ސިއްކަ ޖެހެމުންދާއިރު އަލުން އަނބުރާ ދިވެހިން ނިކަމެތި ކުރި ވެރިކަން ހޯދުމަށް މައުމޫނުއަބްދުލްޤައްޔޫމް ދަނީ ފައި ވިއްދަމުންނެވެ. ދިވެހިން އެ މޫނަކަމަށް ނަފްރަތު ކުރާ މއ ކިނބިގަސްދަށުގޭ މައުމޫނުއަބްދުލްޤައްޔޫމަށް އެކަން ހަޖަމު ނުކުރެއްވޭ ހާލުގައެވެ. ކޮންމެއަކަސް މިފަހަރު ދިވެހިން ތިބެންވަނީ ހޭއަރައިގެންނެވެ. ކުޑަ ކާފު ބޮޑިކާފުގެ ޒަމާނާއި ވޯޓު ފޮށީ ބަނޑުއަޅައިގެން ބިރުދެއްކި ދުވަސްތައް މިހާރު ދިވެހިން މިވަނީ ތަޖުރިބާ ކޮށްފައެވެ. އެހެންކަމުން އޭގެ ބަދަލު ހޯދުމަށްޓަކައި ނަމަވެސް މިފަހަރު ކާމިޔާބު ހޯދާންވާނީ ދިވެހި ރައްޔިތުންނެވެ. މިއީ ދިވެހި ރައްޔިތުންގެ ފަހަރެވެ.
ފާއިތުވި 30 އަހަރުގެ ހެއްލުންތެރިކަމާއި އޮޅުވާލުމުގެ ސިލްސިލާތަކަށް ފަހު އަނެއްކަވެސް މަކަރާއި އޮޅުވާލުމާއި ވަގު ހެދުމުގެ ޢީދެއް ރައީސް މައުމޫނުގެ ސަރުކާރަށް އަންނަނީއެވެ. ރައްޔިތުން ހައްލައިލައިގެން ވޯޓު އަތުލުމާއި ގަދަކަމުން ވޯޓު ފޭރިގަތުމުގެ ދުވަސްވަރު އަންނީއެވެ. ރައްޔިތުންގެ މަންފާއަށް ބޮޑެތި ހޭދަތައްކުރާން ވަޢުދުވާ ދުވަސްތައް އަންނީއެވެ. ކޮންމެއަކަސް ރައީސް މައުމޫނުގެ މަޒީގައި ހިނގާފައިވާ މިހިރަ މިހިރަ ކަންތައްތަކުން އިބްރަތް ހާސިލްކޮށް އިބްރަތެއް ލިބިގަތުމަކީ މިވަގުތު ހަމަ ކޮންމެހެން ވެސް ކުރާންވެއްޖެކަމެކެވެ.
ދުނިޔޭގެ ޑިމިގްރާތީ ގައުމުތަކުން ޤަބޫލުކުރާ ގޮތުގައި ރައީސް މައުމޫނު ވެރިކަން ކުރާ ޢުސޫލުން ދިގު މުއްދަތަކަށް ވެރިކަމުގައި ދެމިހުރުމަކީ ބޮޑު ޖޯކެކެވެ. އެގޮތީ އެއީ ރައްޔިތުންނާއި ނުބައްދަލު ވެރިކަމެކެވެ. މީގެ ދެއަހަރު ކުރީން ބޭއްވި ބައިނަލް އަޤްވާމީ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަން ފެއްޓެވުމުގެ ކުރިން ތަޢާރަފުވެވަޑައިގަންނަވަމުން ވަރަށް ފަހްރުވެރިކަމާއި އެކު ރައީސް މައުމޫނު ވެރިކަމުގައި ހުންވާތާ 27 އަހަރު ވެއްޖެކަމަށް ވިދާޅުވުމާއިއެކު ގިނަ ބަޔަކު ޕަކަޕަކަލާފައި ހޭންފެށިއެވެ. އެހެންކަމުން ދިވެހި ރާއްޖޭގައި މިހިނގާ ވެރިކަމަކީ ބައިނަލް އަޤްވާމީ ދުނިޔޭގައި އެއްވެސް އަގެއްނެތް ޖޯކު ވެރިކަމެއްކަން މިކަމުން ވަރަށް ރަނގަޅަށް ދޭހަވޭމެވެ.
ރައީސް މައުމޫނު މިވީހާ ދުވަހު ވެރިކަން ކުރަމުން އައީ އިސްލާމް ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރަމުންނެވެ. ދީންވެރި، ޢިލްމުވެރި، އަޅުވެރި، އިހްލާސްތެރިއަކީ ހަމައެކަނި ތިމާމީހާއެވެ. އެންމީހަކަށް ދީނީ ޢިލްމެއް، މަތީފާހެއް ލިބުމުގެ ފުރުޞަތެއްނެތެވެ. އެގޮތުން ރައީސް މައުމޫނުގެ ވެރިކަމުގައި ދީނީ ޢިލްމު ހާސިލްކުރުމަށް ގައުމުން ބޭރައް ދިޔުމުގެ މަގު ވަރަށް ބޮޑަށް ބަންދުކުރެއްވިއެވެ. އަދި ރާއްޖޭގައި ދީނީ ޢިލްމު އުނގަންނައިދޭ މަދަރުސާތައް އުވާލައި ލާދީނީ އޮއެވަރު ފެތުރުމަށް ރައީސް މައުމޫނުގެ ސަރުކާރުން މަސައްކަތްކުރެއްވިކަމަށް ރާއްޖޭގެ ދީނީ ޢިލްމުވެރިން ދަނީ ވިދާޅުވަމުނެވެ. ހަމައެހެންމެ މާތް ރަސޫލާ މުހަންމަދުން ސައްލައްﷲ އަލައިހިވަސައްކަމްގެ ސުންނަތް މިގައުމުގައި ދިރިގެން ހިނގާދާނެތީ ސުންނަތައް ތަބާވެގެން ދިބި މީހުން ޖަލައްލާ ތަފާތު އަނިޔާތައްދީ، ހަޖޫކިޔާ މަލާމާތްކުރަމުން ދިޔައީ ހުދު މައުމޫނުގެ ހީލަތާއި އޮޅުވާލުމާއި މަކަރުވެރި ވެރިކަމުގެ ތެރެއިންނެއެވެ.
ދުނިޔެ ތަރައްޤީވަމުން އައި ހަލުވި ދުވެލީގައި ދިވެހި ރާއްޖެއަށް ތަރައްޤީގެ އަސަރު ފެތުރިންގެ އައި ކަމުގައި ވިޔަސް ދިވެހިންނަށް ލިބެންވާ ހަޤީޤީ ތަނަވަސްކަމާއި ތަރައްޤީގެ މީރުކަން މިވީހާތަނަށް އަދިވެސް މިވަނީ ނުލިބިއެވެ. ސަބަބަކީ ދިވެހި ރާއްޖޭގައި މި އޮތް ވެރިކަމުގައި ދިވެހިންގެ މާލިޔައްތައް ލިބެމުން އައި ފައިސާ ނުހައްޤުން ބޭނުން ކުރުމެވެ. ބޭކާރު ހަރަދުތައްކޮށް މުއްސަނދިންނާއި ގާތްތިމާގެ މީހުންނަށް އޭގެ ލާބަ ހޯދައިދީ ނިކަމެތި ދިވެހި ރައްޔިތުންނާއި މެދު އިހްމާލުވެވުމެވެ. ވެރިކަމަކީ އަމިއްލަ މިލްކިއްޔާތެއްކަމުގައި ދެކި، ދިވެހި މާލިއްޔަތުން ހަރަދު ކުރަމުން ދަނީ ވަކި އެވެނި، މިވެނި މިންވަރެއް ބަލާލުމެއްނެތި ރައްޔިތުން ކަރަށް ފައިން އަރަމުންނެވެ. ގަޑި އަކަށް 18 ހާސްރުފިޔާ ރިޔާސީ ގަނޑުވަރަށް ހަރަދު ކުރަމުން ދާއިރު، ހަމަ އެ ގަނޑުވަރު ފާރުބުނޑުގައި ސަލާންޖަހަން އަތްދިއްކޮށްގެން ތިބި ނިކަމެތި ދިވެހިންނަށް އެންމެ ލޯލައިރިއެއްވެސް ދިއްކޮށްނުލިތާގައި، ދިވެހިން ބޭސް ފަރުވާއަށް ބޭރަށް ދާންވެސް ފައިސާކޮޅެއް ލިބެނީ ރޮއި އާދޭސްކޮށްގެން ޑީއާރުޕީ ފޯމެއްގައި ސޮއިކޮށްގެންނެވެ. މިހިރީ ރައީސް މައުމޫނުގެ ވެރިކަމުގައި ދިވެހި ރައްޔިތުން އުޅެންޖެހޭ ބިކަ ހާލެވެ. މިއީ ދިވެހިން ދެކެން ބޭނުންވާ ދުވަހެއް ނޫނެވެ. އެކަމަކު ރާއްޖޭގެ ހުންގަނުގައި މއ ކިނބިގަސްދަށުގޭ މައުމޫނުއަބްދުލްޤައްޔޫމް ހުރިހާ ދުވަހަކު ދިވެހިން ތިބެން ޖެހޭނީ މި ނިކަމެތި ހާލުގައެވެ.
ރައީސް މައުމޫނުގެ ސިޔާސަތުން ކޮންމެ ރޮނގަކަށް ވަކިވަކިން ނަޒަރު ހިންގާލިޔަސް ފެންނާނީ އޮޅުވާލުމާއި ހެއްލުމާއި މަކަރާއި އަނިޔާއެވެ. މިއީ ވެރިއެކެވެ. ރާއްޖޭގެ ތާރީހު ދުން އެންމެ ހުދުމުހުތާރު ވެރިއަކަށް މއ ކިބިގަސްދަށުގޭ މައުމޫނުއަބްދުލްޤައްޔޫމު ވާނެއޭ ދެނެވުމަކުން ގޯހެއްނެތެވެ. ވެރިކަށް ބޫތު ކެއުމުގެ ނަތީޖާއެއްގެ ގޮތުން ތިރީސް އަހަރުގެ ވެރިކަން ވެސް ދިގުދެންމުމަށް އަދިވެސް އެދަނީ މަސައްކަތް ކުރައްވަމުންނެވެ. ނިސްބަތްވެވަދައިގަންނަވާ ޑީއާރުޕީ ޢާއިލީ ތަރިކައަކަށް ހައްދަވައި، އެޕާޓީ ތެރޭގައިވެސް ހަންފަތުރަމުން ގެންދަނީ ވެރިކަމަށް އެންމެ އެކަށޭނަ ޤާބިލުމީހަކީ ތިމަންނާކަމަށް ބުނަމުންނެވެ. އެހެންމީހަކަށް ވާދަކުރެއްވޭކަށް ނެތެވެ. މިހިރަ މިހަރަ ކަންކަމީ ހުދު ޑީއާރުޕީތެރޭގައިވެސް އިސްލާހަށް މަސައްކަތް ކުރާ މީހުން ޤަބޫލު ކުރާ ހަޤީގަތެކެވެ.
ރައީސް މައުމޫނު ވެރިކަމާއި ހަވާލުވާން އަނެއްކާވެސް އެ މަސައްކަތް ކުރައްވަނީ 30 އަހަރުގެ ތަޖްރިބާއާއިއެކުވެ. ތެދެކެވެ. އެ ތިރީސް އަހަރުގެ ތަޖްރިބާ ހަމަ ރަނގަޅަށް ވެސް ރައީސް މައުމޫނަށް ލިބިވަޑައިގެންފައިވެއެވެ. އެއީ ހުދުމުހުތާރުކަމާއި އަނިޔާއާއި މަކަރާއި ހީލަތްތެރިކަމާއި އޮޅުވާލުމުގެ ތަޖްރިބާއެވެ. މި ތަޖްރީބަތަކީ މިޒަމާނުގެ ކުދިން ބަލައިގަންނާނެ، އަދި ބަލައިގަންނަށް ބޭނުންވާ ތަޖްރިބާތަކެއް ނޫނެވެ. މިހާރު މިކަހަލަ ތަޖްރިބާތައް ވަޅުލައި އައު ތަޖްރިބާތަކެއް ދެގެން ދިވެހިން މިތިބީ ބޭނުންވެފައެވެ. ނަމަވެސް އެކަން ކޮށްދެވޭނީ މައުމޫނު ނޫން އެހެން ވެރިއަކު މިރާއްޖޭގެ ރައީސްކަމަށް އައި ދުވަހަކުންނެވެ. މިދުވަހަށް އިރު އަރާނީ މިއަހަރު ރިޔާސީ އިންތިހާބުގައި މައުމޫނުގެ ވެރިކަމަށް "ނޫނެކޭ" ބުނެގެންނެވެ.
ސަމާލުކަމަށް: މަތީގައިވާ ލިޔުން އެހެން ސުރުހީއެއްގައި ލިޔުމުގެ އެއްބައި އެކުލެވޭގޮތަށް ކިޔުންތެރިއެއްގެ ހިޔާލެއްގެ ގޮތުގައި ވީއެލްގައި އޮޅުމަކުން 24 އޮގަސްޓް2008 ގައި ޝާއިރުކޮށްފައިވެއެވެ. އެހެންކަމުން ތަކުރާރުކޮށް މިލިޔުން ޝާއިއުކުރުމުން އަރާފާނެއޮޅުމަކަށް ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މަޢާފަށްއެދެމެވެ. ޝުކުރިއްޔާ،
މިބޮލޮގް ބޭނުންކުރެއްވުމަށް

0 comments:

Layout and design by - Suren Suren